އަހަރަކު އެއްފަހަރު ބާއްވަމުންއަންނަ ބައިނަލްއަޤުވާމީ ކޮންފަރެންސެއްކަމަށްވާ "ތެވެލި ކޮންފަރެންސް" އަށް ރެކޯޑު އަދަދަކަށް ދިރާސާ ކަރުދާސް ހުށައަޅައިފާވާކަމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހާމަކޮށްފިއެވެ. އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބާއްވާގޮތަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް، ދިރާސާ ކަރުދާސް ހުށައެޅުމަށް ދީފައިވާ މުއްދަތު 30 ޖޫން 2026ގައި ހަމަވިއިރު 330 ދިރާސާ ކަރުދާސް ވަނީ ހުށައަޅާފައެވެ.
އެ ޔުނިވަރސިޓީން ހާމަކޮށްފައިވާގޮތުގައި މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ކޮންފަރެންސަކަށް މިހާތަނަށް އެންމެ ގިނަ ދިރާސާ ކަރުދާސް ހުށައެޅުނު ފަހަރެވެ، އަދި މިއަހަރު ހުށައެޅި ދިރާސާ ކަރުދާސްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރު 23 ޤައުމަކުން ހުށައެޅި 77 ދިރާސާ ކަރުދާސް ހިމެނޭކަމަށްވެސް ޤައުމީ ޔުނިވަސިޓީން ހާމަކުރެއެވެ.
ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ހެދުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މިކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ. ހަމަ މިއާއެކު، ތެވެލި ކޮންފަރެންސް ބޭއްވުމުގެ އިތުރު މަޤުޞަދުތަކުގެތެރޭގައި ދިވެހިރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމައި، ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުންވެސް ހިމެނެއެވެ.
ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.
ތެވެލި 2026 ގައި ހަތަރު އެވޯޑެއް ދޭން ވަނީ ނިންމާފައެވެ. އެއީ އައުޓްސްޓޭންޑިން ޕޭޕަރ އޮފް ދަ ކޮންފަރެންސް އެވޯޑާއި އާލީ ކެރިއާ ރިސާޗަރ އެވޯޑާއި، އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް އެވޯޑާއި އަދި ބެސްޓް ފެކަލްޓީ އެވޯޑެވެ.
ޤައުމީ ޔުނިވަރސިޓީން 2017ވަނަ އަހަރު ބާއްވަންފެށި ތެވެލި ކޮންފަރެންސް މެދުކެނޑުމެއްނެތި އެޔުނިވަރސިޓީން އަންނަނީ ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ.
