ޑރ. ޙަސަން ހަމީދު ލިޔުއްވާފައިވާ، އިނގިރޭސި - ދިވެހި ބަސްފޮތް މި މަހުގެ 23 ވަނަ ދުވަހު ނެރެން ނިންމައިފި އެވެ.

މިގޮތުން، މި ފޮތް ނެރުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ ހަވީރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން މި ފޮތް ނެރެދެއްވާނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. ޑރ. ޙަސަން ޙަމީދު ވަނީ މީގެ މަސްތަކެއް ކުރިން ރައީސް މައުމޫނަށް އެކަމަށް އެދި ދަޢުވަތު އަރުވާފައެވެ. މި ފޮތް ނެރެދެއްވުމަށް ދަޢުވަތު އެރުވުމުން، ރައީސް މައުމޫން ވަނީ އެއީ ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ވަގުތާއި ޙާލަތު ތަންދޭނަމަ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 1,992 ސަފްޙާގެ މައްޗަށް އެކުލެވޭ މި ބިޔަ ފޮތަކީ ދިވެހި ބަހުން މިހާތަނަށް ނެރެވޭ އެންމެ މުއްސަނދި ބަސްފޮތެވެ. މި ފޮތުގައި 120,000 އިނގިރޭސި ލަފްޒުގެ ދިވެހި މާނަ ހިމަނާފައިވާއިރު، އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި ބަސްބަހުގެ މަޖާޒީ މާނަތައްވެސް ވަނީ ހިމަނާފައެވެ. ޖުމްލަ 2.1 ކިލޯ ހުންނަ އަދި އާދައިގެ މޯބައިލް ފޯނެއްގެ ފުޅާމިން ހުންނަ މި ފޮތަކީ މިހާތަނަށް ރާއްޖޭގައި ނެރެވޭ އެންމެ ބަރު ފޮތްވެސް މެއެވެ.

ޑރ. ޙަސަން ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ފޮތުގެ އެކި ޗެޕްޓަރުތައް ވަކިން ނެރުމުގެ ވިސްނުމުގެ އިތުރުން، އާންމުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ޚާއްޞަ ވެބްސައިޓެއް ތައްޔާރުކުރުމުގެ ވިސްނުންވެސް އެމަނިކުފާނު ގެންގުޅުއްވައެވެ. މި ފޮތް ނެރުމަށް ހަމަޖެހިފައިވާ ދުވަހު ޚާއްޞަ އަގެއްގެ ގޮތުގައި 1,500 ރުފިޔާއަށް ފޮތް ގަތުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެކަމަށްވެސް ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.