ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުޤުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތަކުގެ ސަބަބުން ކުރިން އުންމީދު ނުކުރާ ފަދަ އެތައް ފުރުޞަތުތަކެއް ހުޅުވިފައިވީ ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއް ކަމަށް ދެކެގެން ނުވާނެކަން ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫންކަމަށާ، އޭގެ ބަދަލުގައި ބަލަންވީ އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، ޝައުޤުވެރިކަމާއެކު ތަޢުލީމީ ނިޒާމަށާއި، ޞިއްޙީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ތަކެތި އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ.
މީގެ އިތުރުން، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށްދިނުމާއެކު، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.
