ސުންނަތަކީ ކުރުމުން ސަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިޔަސް ޢަޒާބު ނުލިބޭ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ އޮޅުމަށް، މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުއްވާލައިވައިފިއެވެ.
"އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" މި މައުޟޫޢަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ކީރިތި ޤުރްއާނެކޭ އެއްފަދައިން މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ﷺ ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ﷲ ބާވައިލެއްވި ވަޙީގެ ތެރެއިން ބައެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޝަރުޢީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައި ނުވާ ނަމަ، އެއީ ދޫކޮށްލިޔަސް ޢަޛާބު ނުލިބޭ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކޭ ކަމަށާ މުސްލިމުން ޢަމަލުކުރަންޖެހޭ ހުރިހާ ކަމެއް ޤުރްއާނުގައިވާތީ، އޭގެ ބޭރުން އެހެން އެއްޗަކަށް ބަލަން ނުޖެހޭ ކަމަށް ދެކުމަކީ ނުރައްކާތެރި އޮޅުމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެއްކަން ހާމަކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، ދީނުގެ ދެވަނަ ރުކުން ކަމަށްވާ ނަމާދު މުއުމިނުންގެ މައްޗަށް ފަރުޟު ކުރެއްވިކަން ޤުރްއާނުން އެނގެން އޮތްނަމަވެސް، ނަމާދު އަދާކުރާނެ ގޮތާއި ރަކްޢަތްތަކުގެ އަދަދު އެނގެނީ ރަސޫލާ ﷺގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތްވެސް އުނގަންނައިދެއްވީ ރަސޫލާ ﷺ ކަން ޚުޠުބާގައި ވިދާޅުވިއެވެ. އެހެންކަމުން ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ފުރިހަމައަށް ނޭނގޭނެ ކަން މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުމެވެ. އެ ދެކަލިމަ ވަކި ނުކުރެވޭނެ ފަދައިން ޤުރުއާނާއި ސުންނަތްވެސް ވަކިނުކުރެވޭނެކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ކީރިތި ޤުރްއާނެކޭ އެއްފަދައިން ސުންނަތްވެސް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވީ ޞަޙާބީން ކަމަށެވެ. އެހެންކަމުން، ދީން ރައްކާތެރިކުރެވޭނީ ޤުރްއާނާއި ސުންނަތަށްވެސް އެކުއެކީގައި ރައްކާތެރިވެ، އެ ދެ މަޞްދަރަށް ފުރިހަމައަށް ޢަމަލުކޮށްގެން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދެއްވައި ނަޞޭޙަތްތެރިވިއެވެ.
