މައްކާގައި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު، ހިތުން ޤުރުއާން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު (މއ. އަސާސް) މުޅި މުބާރާތުން 4 ވަނަ ޙާސިލްކޮށްފިއެވެ. މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން 4 ވަނަ ހާޞިލްކުރުމާ ގުޅިގެން އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލް ޝާޔާއަށް ވަނީ ލިބިފައެވެ.

މިއީ މި މުބާރާތް ބާއްވާ 46 ވަނަ އަހަރެވެ. މި މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން މި އަހަރުވަނީ ބައިވެރިވެފަ އެވެ. ފާއިތުވެ ދިޔަ އަހަރުތަކާ ޚިލާފަށް، މިއަހަރު މި މުބާރާތުގައި އަންހެން ކުދިންގެ  ގޮފި އުފައްދައި ދެ ޖިންސަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ  ނަތީޖާ ފާޅުކުރުން އޮތީ، ރޭ މައްކާގެ ޙަރަމްފުޅުގައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެއިތުރުން ސަޢޫދީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚުގެ އިތުރުން، ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސްވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

image

މި މުބާރާތުގެ ނަތީޖާ ފައުޅުކުރުމުގެ ރަސްމިއްޔާތުގައި، ޚާއްޞަ މެހެމާނެއްގެ ގޮތުން، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތާގުޅޭގޮތުން ވަޒީރު މީސް މީޑިއާގައި ހިއްސާ ކުރައްވި މަޢުލޫމާތުގައި ވިދާޅުވީ، ނަތީޖާފައުޅުކުރި ޙަފްލާގެ ތެރެއިން، މުޅި މުބާރާތުން 4ވަނަ ޙާސިލްކުރި ރާއްޖޭގެ ދަރިވަރު، ޝާޔާ އާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް، ސަޢޫދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަޑައިގެން، ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައި ވާކަމަށެވެ.  އަދި ބައިނަލްއަޤުވާމީ މިފަދަ ބޮޑު މުބާރާތަކުން ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް މިފަދަ ފަޚުރުވެރި ވަނައެއް ލިބިގެން ދިއުމަކީ މުޅި ރާއްޖެއަށްވެސް ލިބިގެންދިޔަ ނުހަނު ބޮޑު ޝަރަފެއްކަމުގައިވެސް، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.