މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބޭއްވުމުގެ މައިގަނޑު ޢަމާޒަކީ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއެކު، އެއްބަޔަކު އަނެއްބައެއްގެ ކިބައިން އެހީތެރިކަމާއި ފަންނީ ފައިދާ ލިބިގަތުން ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ރައީސް މިފަދައިން ވިދާޅުވީ، އެ ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026" އިފްތިތާޙުކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ، ދާރުލްއާސާރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް ޢަބްދުﷲ ވިދާޅުވީ ﷲ އަށް އަޅުކަން ކުރެވޭނީ އެކަލާނގެ ނަބިއްޔުން މެދުވެރިކުރައްވައި އުއްމަތަށް ދަސްކޮށްދެއްވާފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ދީނުގެ އެންމެހައި ކަންތައްތަކާއި ދީނަށް ޚިދުމަތްކުރުންވެސް އޮތީ ކީރިތި ރަސޫލާ ﷺ ދަސްކޮށްދެއްވި މަގުންކަން ފާހަގަކުރެއްވިއެވެ.
"ޖަމްޢިއްޔަތުއްސަލަފް ބިންގާ އަޅައިގެން މިއަދާ ހަމައަށް 20 އަހަރު ހޭދަވެގެން މިދިޔައީ، އަޅުގަނޑުމެން އެ މަންހަޖަކަށްޓަކައި ފަޚުރުވެރިވާ، ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންގެ މަންހަޖު ކަމުގައިވާ ކީރިތި ޤުރުއާނާއި ސުންނަތަށް ތަބާވުމުގައި. އަދި ދީނީ ދަޢުވަތު ދިނުމުގައާއި ޖަމްޢިއްޔާގެ އެތެރެޔާއި ބޭރުގެ ނިޒާމު ތަރުތީބުކުރުމުގައިވެސް ނަމޫނާއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މިގެންދަނީ އެ ބޭކަލުންގެ ސީރަތު،" ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މަހާސިންތާގެ މައިގަނޑު މަޤްޞަދަށް އަލިއަޅުވާލައްވަމުން ޝައިޚް ވިދާޅުވީ، ޖަމްޢިއްޔަތުއްސަލަފަކީވެސް މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން އުފަންވެފައިވާ ޖަމްޢިއްޔާއަކަށްވުމާއެކު، މަދަނީ ޖަމްޢިއްޔާތަކަކީ އެއް ޢާއިލާއެއްގެ ބަޔަކަށް ވުމުން، ޢާއިލާގެ މެންބަރުންގެ ތެރޭގައި ގުޅުން ބަދަހިކުރުމަކީ މި މަހާސިންތާ ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ޝައިޚު ފާހަގަކުރެއްވިއެވެ. އެގޮތުން، އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ފަންނީ އެހީތެރިކަމާއި ފައިދާ ލިބިގަނެ، ހުރި އުނިކަންކަން ފޫބެއްދުމަކީ މި މަހާސިންތާގެ ބޭނުމެއްކަމަށްވެސް ޝައިޚުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހަމައެއާއެކު، މުއައްސަސީކޮށް ކުރާ މަސައްކަތްތައް އިންތިޒާމުކުރުމުގައި، ޖަމްޢިއްޔާތަކުގެ ހަކަތަ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ހޯދުމަކީވެސް މި މަހާސިންތާ އިންތިޒާމުކުރި މައިގަނޑު އެއް ސަބަބުކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ވިދާޅުވިއެވެ.
މި މަހުގެ 13 އިން 15 އަށް ދާރުލްއާސާރުގައި ކުރިއަށްގެންދިޔަ 'ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026' ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ މެންދުރުފަހުއެވެ.
