ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ބާއްވާ "ބީއެމްއެލް އިސްލާމިކް - މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026" މި މަހުގެ 13 އިން 15 އަށް ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ވިދާޅުވެއްޖެއެވެ.

ދާރިސް ޓީވީގެ "ހެނދުނު ފަރުވާ" ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަމުން، މި އިވެންޓުގެ ކޯޑިނޭޓަރ މުޙައްމަދު މުޢާޒް ވިދާޅުވީ، ދެ އަހަރުން އެއް އަހަރު ބާއްވާ މި މަހާސިންތާގެ ދެވަނަ އެޑިޝަންގައި ޖުމްލަ 40 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން އަލަށް ބައިވެރިވި 20 ޖަމްޢިއްޔާއެއް ހިމެނޭއިރު، މިފަހަރުގެ މަހާސިންތާގައި ތަފާތު އެކި ދާއިރާތަކުން ޖަމްޢިއްޔާތައް ބައިވެރިވެފައިވާކަން މުޢާޒް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، ކުޅިވަރު ޖަމްޢިއްޔާތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޖަމްޢިއްޔާތަކާއި، ތަފާތު އެކި މަސައްކަތްތަކާ ގުޅުންހުރި ޖަމްޢިއްޔާތައް ހިމެނެއެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްޞަކޮށްގެން ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ކުޑަކުދިންނާގުޅުންހުރި ދާއިރާތަކަށް ޚާއްޞަކޮށް މަސައްކަތްކުރާ ޖަމްޢިއްޔާތައްވެސް ހިމެނޭކަން މުޢާޒް ފާހަގަކުރެއްވިއެވެ.

މި މަހާސިންތާ އިފްތިތާޙުކުރުން އޮންނާނީ މި މަހުގެ 13ވާ ބުރާސްފަތި ދުވަހުގެ ރޭ، ދާރުސްއާސާރުގައެވެ.

މި މަހާސިންތާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކުގައި ކިޔަވައިދެއްވާނީ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުންނެވެ. މަހާސިންތާގައި އަލިއަޅުވާލެވޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް، ކޮމިއުނިޓީ ސަރވިސް، މާކެޓިންގ އަދި ފައިނޭންސިންގ ހިމެނޭކަމަށް މުޢާޒް ވިދާޅުވިއެވެ.

މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މުޖުތަމަޢު ގުޅިގެން އިސްލާމީ އުސޫލުތަކުގެ ތެރެއިން ޙަރަކާތްތައް ކުރިއަށްގެންދާނެ ގޮތްތައް ބުނެދިނުމާއި، ޖަމްޢިއްޔަތުއްސަލަފުގެ މަސައްކަތްތައް އޮޅުންފިލުވައިދީ، އެ ޖަމްޢިއްޔާއާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުޞަތުތައް ބަޔާންކޮށްދިނުން ހިމެނޭކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.

އިންތިޒާމުތަކާ ގުޅޭގޮތުން މުޢާޒް ވިދާޅުވީ، ހޯލް ހަމަޖެއްސުމާއި، ބައިވެރިންގެ ކެއުމާއި އެކޮމޮޑޭޝަންގެ ކަންކަން ހިމެނޭހެން މައިގަނޑު ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

"ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް" މި ޝިއާރުގެ ދަށުން ބާއްވާ މި މަހާސިންތާގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މެއިން ސްޕޮންސަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ފުރަތަމަ މަހާސިންތާ ބޭއްވުނީ 2024 ވަނައަހަރު އއ. މަތިވެރީގައެވެ.