ރާއްޖެ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ދިޔަ ކޮންމެ ފަހަރަކުވެސް އެކަމުގެ ސަބަބަކަށް ވެފައިވަނީ ޤައުމަށް ހެޔޮނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތްކަން ފާހަގަކުރައްވައި، އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް އެންމެން ގަދައަޅައި ޢަޒުމު އާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ޕޯޗުގީޒުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީގެ ހަނދާންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ ޤައުމީ ދިފާޢާއި ސިޔާދަތާ މެދު އަޅުގަނޑުމެން ވިސްނާންޖެހޭ މުހިންމު ނުކުތާތަކަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ތާރީޚަށް ބަލާއިރު ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް އެކަމުގެ ސަބަބަކަށް ވެފައިވަނީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތްކަން ފެންނަން އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއަދު އަޅުގަނޑުމެން ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އަލުން އިޢާދަވިޔަ ނުދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށްވުމަށް އެދިވަޑައިގެންފައެވެ.

އަދި އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރައްވާފައެވެ.