އެކުވެރި ޢަރަބި ޢިމާރާތުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންނާއި އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީ އާއެކު މަޝްވަރާކޮށްފިއެވެ.

އެކުވެރި ޢަރަބި ޢިމާރާތުގެ ވަފުދުން މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގެން އުޅުއްވާ ވަފުދާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ބައްދަލުވުމެއްގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައެވެ. 

މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެކުވެރި ޢިމާރާތުން ދިވެހި ފުލުހުންނަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެކުވެރި ޢިމާރާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިންސާނީ ވަޞީލަތްތައް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ. ޚާއްޞަ ކޮށް، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް އެކުވެރި ޢިމާރާތުގެ ވަފުދާއެކު މަޝްވަރާކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައެވެ.

އެކުވެރި ޢަރަބި ޢިމާރާތުގެ ވަފުދުގެ މި ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.