ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކުރާ ޚާއްޞަ ވޯކްޝޮޕް "އަންފިލްޓަރޑް" މި އޮގަސްޓު މަހުގެ 21 އަދި 22 ގައި ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ ކިންގް ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލުގައެވެ. އުމުރުން 14 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި ވޯކްޝޮޕްގައި ސެޝަންތައް ނަގައިދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ތަރުޖަމާނު އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، އެ ޖަމްޢިއްޔާގެ ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އައްޝައިޚް މުޖުތަބާ ޙަމީދު އަދި ދުޢާތުންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޙައްމަދު ޢައްލާމް ނަޢީމެވެ.
މި ވޯކްޝޮޕުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޢަޤީދާއާ ގުޅުންހުރި މުހިންމު ބައިތަކަށެވެ. އެގޮތުން ﷲ ވޮޑިގެންވުމާއި، ކީރިތި ޤުރުއާނުގެ ޞައްޙަކަމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ތެދުކަން ފަދަ މުހިންމު މައުޟޫޢުތަކަށް އަލިއަޅުވާލައި ބައިވެރިންނަށް މަޢުލޫމާތު ދެވޭނެކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްދާ މި ވޯކްޝޮޕުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާތަކެއްވެސް ވަނީ ހުށަހެޅިފައެވެ. އެގޮތުން ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް އެއަރޕޮޑާއި ރޭގަނޑުގެ ފަރިއްކޮޅު ހަދިޔާގެ ގޮތުގައި ލިބޭނެއެވެ. ސިޓީ ޑީލްސްގެ ފަރާތުން ހަތަރު ބޭފުޅަކަށް އެއަރޕޮޑް ހުށަހަޅާފައިވާއިރު، ނަގަސް ރެސްޓޯރަންޓް، ޑަންކް އެން ޑިޕް އަދި ކޮއްތު ހަޓުގެ ފަރާތުން ހަތަރު ބޭފުޅުންގެ ގްރޫޕަކަށް ރޭގަނޑުގެ ފަރިއްކޮޅެއް ހުށައަޅާފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދެއްވިއެވެ.
މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް ހުޅުވިފައިވާއިރު، ބައިވެރިވުމަށްޓަކައި 349 ރުފިޔާގެ ފީއެއް ދައްކަވަންޖެހެއެވެ. ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ގޫގުލް ފޯމު ފުރުއްވައިގެން ވީއެންމެ އަވަހަކަށް ޖާގަ ކަށަވަރުކުރެއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެއެވެ.
