އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެ ތާރީޚުގައި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ޖެހުނީ އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދީން ދޫކޮށްލާ ހިސާބުން ޚިޔާނާތްތެރިވެވެނީ ހަމައެކަނި ދީނަށް ނޫން ކަމަށާއި، އެއީ މުޅި ޤައުމަށާއި، މިނިވަންކަމާއި، ސިޔާދަތާއި އަދި ދިވެހީންގެ އަބުރަށް ވެވޭ ޚިޔާނާތެއް ކަމަށެވެ.
އިސްލާމްދީން އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިއްބައިދޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދީނުގައި އެ ފަދަ މަތިވެރި ބާރަކާ އެ ފަދަ ދިރުންހުރި ރޫޙެއް އެކުލެވިގެންވާކަމަށް ވިދާޅުވިއެވެ.
މިގޮތުން، އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކާކަމަށާ ހަނގުރާމައިން ޙާޞިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާނުގައި ހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ޤައުމީ ދުވަހުގެ ހާދިސާއާ މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ފުރިހަމައަށް ފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤާނޫނުއަސާސީގައިވާ ގޮތުން އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ހެދޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަން ކަށަވަރުކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤުކަން ފާހަގަކުރައްވައި، ޤާނޫނުތަކާއި އުސޫލުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވައިލެއްވިއެވެ. އަދި ޤައުމީ ދުވަހު އެންމެން ގުޅިގެން ޢަޒުމު ކަނޑައަޅަންވީ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި، އެކަކު އަނެކަކަށް ޤަދަރުކުރާ، އިޙްތިރާމްކުރާ އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
