ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އޭދަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭދަފުއްޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢަކީ 'އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ' (އެރައިސް) މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އެރައިސް މަޝްރޫޢުގެ މި ފިޔަވަހީގެ ދަށުން ރާއްޖޭގެ 9 ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް މުޅިން ނިންމައި ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުއްޓެވެ.

މި ފިޔަވަހީގެ ދަށުން ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ.

އޭދަފުށީގައި އިފްތިތާޙުކުރެވުނު މި ނިޒާމުގެ ސަބަބުން އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ޤައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.