އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސްއިން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް"އެއް ކުރިއަށްގެންގޮސްފިއެވެ.

ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މި މަހުގެ 13 އިން 15 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްޑަބްލިޔުއެސްސީގެ 39 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. މިއީ ލީޑަރޝިޕްގެ ދައުރާއި ޝަޚްޞިއްޔަތު ދެނެގަތުމަށާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހޯދައި، ވާދަވެރި މާހައުލެއްގައި ޓީމުގެ ރޫޙާއި ގުޅުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ލީޑަރޝިޕްގެ ފަންކްޝަންތަކާއި، ކޮމާންޑް ޓާސްކްގެ އިތުރުން، ޓީމް ބިލްޑިންގ އެކްސަސައިޒްތައް ކުރިއަށްގެންގޮސްފައެވެ. އޭގެ އިތުރުން އަލިފާނުގެ ޙާދިސާތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ފުރަތަމައެހީ އަދި ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތަކުގައި ޢަމަލުކުރާނެ ގޮތްތައް (އެބަންޑަން ޝިޕް) ވަނީ ކިޔަވައިދީފައެވެ.

އެމްއެންޑީއެފުން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި، އިޖުތިމާޢީ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްތަކެކެވެ.