ނުޒައިރު ޢަލީ އަދި ޢަބްދުﷲ ޔާސިރު ހޯސްޓުކުރައްވާ ވިޔަފާރިއާ ގުޅޭ މަޝްހޫރު ޕޮޑްކާސްޓް، "އީޖާދީ ވިޔަފާރީގެ ހޮޅުއަށި" ގެ އައު ސީޒަނެއް (އެޕިސޯޑް 11) މި އޮގަސްޓު މަހުގެ 24 ވާ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
ޢަބްދުﷲ ޔާސިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، މުޅިން އައު ވީޑިއޯ ޕޮޑްކާސްޓް ސީރީޒެއްގެ ގޮތުގައި ގެނެސްދޭ މި ސީޒަންގެވެސް މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހީވާގި ވިޔަފާރިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމާއި، އައު ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް އެކަން ފެށުމަށް މަގުފަހިކޮށްދޭނެ ޙަޤީޤީ ޕްލެޓްފޯމެއް ބިނާކުރުމެވެ. މި ސީޒަނުގައި އުފެއްދުންތެރިންނާއި، ކަންކަން ބިނާކުރާ ފަރާތްތަކަށް ޚާއްޞަ ޖާގައެއް ދެވި، އައު ވާހަކަތަކާއި، އައު ފިލާވަޅުތަކުގެ އިތުރުން އައު ހަކަތައެއް ފެނިގެންދާނެއެވެ.

ކުރިއެކޭ އެއްގޮތަށް މި ފަހަރުވެސް މި ޕްރޮގްރާމް ހޯސްޓުކުރާނީ ނުޒައިރު ޢަލީ އާއި ޢަބްދުﷲ ޔާސިރެވެ. މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ދާރިސް ޓީވީ (މީޑިއާނެޓް ޗެނަލް 151) އިންނެވެ.
"އީޖާދީ ވިޔަފާރީގެ ހޮޅުއަށި" ޕްރޮގްރާމުގެ މި ސީޒަންގެ ޓައިޓްލް ސްޕޮންސަރަކަށް ސެންޗޫރިއަން ޕީއެލްސީ (Centurion PLC) ވަނީ މިހާރު ހަމަޖެހިފައިވާކަމަށާއި މެއިން ސްޕޮންސަރ އަދި ކޯ-ސްޕޮންސަރގެ ފުރުޞަތުވެސް ހުޅުވާލާފައިވާކަމަށް ޔާސިރުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވުމަކީ ފައިދާހުރި ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވޭނަމަ، މި ފުރުޞަތުގެ ބޭނުންހިފާ، އެހީތެރިކަން ދެވެން އޮތް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޔާސިރުގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ. މިގޮތުން، އެހީތެރިވުމަށްޓަކައި، މި ޕްރޮގްރާމް ކޯ-ސްޕޮންސަރ، އަދި މެއިން ސްޕޮންސަރކޮށްގެން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން ޔާސިރުގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ގުޅިގެން މި ޙަރަކާތް ކުރިއަށްގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޑައިރެކްޓް މެސެޖް ކުރެއްވުމަށް ޔާސިރު އެދިފައިވެއެވެ.
