ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލުން ހުޅުމާލޭގައި ޤާއިމުކުރާ އައު ކެންޕަސްގެ ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 އޮގަސްޓް 2026 ވީ، ހޮނިހިރު ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލްގެ އިތުރު ގޮތްޕެއް ހުޅުމާލޭގައި ޤާއިމު ކުރެވިގެން ދާނެއެވެ. މިއާއެކު މާލޭ ކެންޕަހާއި ހުޅުމާލޭ ކެންޕަހުގައިވެސް ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.
ހުޅުމާލޭގައި އަލަށް ޤާއިމު ކުރެވޭ ދޮންދޫނި ޕްރީސްކޫލް ހުންނާނީ ހުޅުމާލެ ސެކަންޑް ފޭސްގައި ހުންނަ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ އިރަށްވާގޮތަށް، ހުޅުމާލޭ ބާބަކިޔުއާއި ގާޑިޔާތައް ހުންނަ ސަރަޙައްދުގައި، ހިޔާ ފްލެޓްތައް ކައިރީގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މި ކެންޕަސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ނިންމައި، ކުރިޔަށް އޮތް 2027 ވަނަ އަހަރުގެ ތަޢުލީމީ އައު އަހަރުގައި ކިޔެވުން ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދޮންދޫނި ޕްރީސްކޫލުން ހާމަކުރެއެވެ.

ހުޅުމާލޭގައި ދޮންދޫނި ޕްރީސްކޫލްގެ ގޮތްޕެއް ހުޅުވުމަކީ ގިނަ ރައްޔިތުންތަކެއް އެދިއެދި ތިބި ކަމެކެވެ. ހުޅުމާލޭ ކެންޕަސް ޢިމާރާތްކުރުމުގެ މަސައްކަތް ނިންމައި، ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުޞަތު ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާލެވޭނޭކަމަށް ލަފާކުރެވޭކަމަށާ އަދި މިހާރުވެސް ސްކޫލަށް ވެއްދުމަށް އެދި ގިނަ ބެލެނިވެރިންތަކެއް، ދަރިވަރުންގެ ނަން ނޯޓުކޮށް ވެއިޓްލިސްޓް ކުރަމުންދާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.
އެ ސްކޫލުން މައުލޫމާތު ދޭގޮތުގައި، އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑިތަކުގައި ސްކޫލުގެ ނަންބަރު 7960669 އަށް ގުޅުމުން އެ މަޢުލޫމާތު ލިބިގެން ދާނެއެވެ.
