އިސްލާމްދީނާ ޚިލާފު ޤާނޫނެއް އުފަންނުވާނެކަން ކަށަވަރުވާނެ ނިޒާމީ އުޞޫލީ އިންތިޒާމެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް، އައްޝައިޚް އަޙްމަދު ސަމީރު އިއްޔެ، މީސްމީޑިއާގައި ޝާއިޢުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އިސްލާމްދީނާ ޚިލާފުވާ ގޮތަށް ޤާނޫނުތައް އެކުލަވައިނުލެވޭކަން ކަށަވަރުކުރާނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ކޮންމެހެންވެސް އޮންނަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ޤާނޫނެއް ނުހެދޭނެކަން ބަޔާންކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި އެކަން ހިމަނާފައިވީ ނަމަވެސް، ޤާނޫނުތައް ހެދިގެން އަންނައިރު އެ ސިފަ ކަށަވަރުކުރެވޭނެ މެކޭނިޒަމެއް ނެތުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްކަން އައްޝައިޚް އަޙްމަދު ސަމީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިސްލާމީ އުސޫލުތަކަށް ތަބާވާ، އިސްލާމްދީނުގެ ހަމަތަކާ އުސޫލުތަކުގެ ތެރެއިން ހިނގާ ދައުލަތެއްގެ ގޮތުގައި އޮތުމަށްޓަކައި މި މެކޭނިޒަމްއަކީ ނުވަތަ މި އަސާސަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވެއެވެ.

ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނަކީ ދައުލަތުގެ ތެރޭގައި އިސްލާމްދީން ނެގެހެއްޓެވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބަތަލުކަން ފާހަގަކުރައްވަމުން، މިފަދަ ޤައުމީ ދުވަހެއްގައި ރައީސުލްޖުމްހޫރިއްޔާ މިފަދަ ނިންމެވުމެއް އިޢުލާނުކުރެއްވުމަކީ އުފާވެރިކަމެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ. އަދި މިއީ ތާރީޚުގައި ފެވިގެންދާނެ މުހިންމު އަދި އަސާސީ ނިންމެވުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނިންމެވުން އިޢުލާނުކުރެއްވީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމުގެ މެދުގައި އޮތީ ވަކިނުވާނެ ގުޅުމެއްކަމަށްވާތީ، އަދި އިސްލާމްދީނަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައަށްވާތީ، އެ ދީން ހިމާޔަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކަށައަޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މިއަދު ގަސްތުކުރަނީ މިކަން މިހެން އޮތް އޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަންނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އުޞޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެންވީމާ އެފަދަ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މިއަދު އަރުވަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.