ދ. މީދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ‘އަރުތަ’ ޕްރޮގްރާމް މީދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި އޮގަސްޓު މަހުގެ 8 އިން 9 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މީދޫ ޕޮލިހާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް އަދި އެ ރަށު މުއައްސަސާތައް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މިއީ ކުށްމަދު، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފަރުދީގޮތުން ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތުގެ މާޙައުލުގައި ރިވެތި ބަހުން މުޢާމަލާތުކުރުމާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ އިތުރުން، ލީޑަރޝިޕް ހުނަރުތަކާއި، ކްރިޓިކަލް ތިންކިންގ އަދި ސުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ، ޚިދުމަތް ދިނުމުގައި އައު އުކުޅުތަކާއި ހުނަރުތައް ދަސްވެގެންދާނެއެވެ.
ރަށުގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށް ޖުމްލަ 51 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން މަޝްރޫރުއެވެ.
