ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އޯގަސްޓް މަހުގެ 13 އިން 15 އަށް ދާރުލްއާސާރުގައި ކުރިއަށްދިޔަ މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން، ތަފާތު އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ 40 މަދަނީ ޖަމްޢިއްޔާއަކުން މަންދޫބުން ބައިވެރިވިއެވެ.

މި މަހާސިންތާ އިފްތިތާޙުކުރުމަށް 13 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށްފަހު، "ލައިވް ސަލަފް ޕޮޑްކާސްޓު – ކިއު އެންޑް އޭ" ގެ ނަމުގައި ޚާއްޞަ ޕޮޑްކާސްޓެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ޖަމްޢިއްޔަތުއްސަލަފުގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިވެރިން ކުރި ސުވާލުތަކަށް މި ޕޮޑްކާސްޓުގައި ޖަވާބު ދެއްވީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއާއި، ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު އަދި ތަރުޖަމާނު އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ. މި ޕޮޑްކާސްޓު ހުށަހަޅުއްވައިދެއްވީ ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އަދި ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.

މަހާސިންތާގެ ދެވަނަ ދުވަހު ގިނަ އަދަދެއްގެ މުހިންމު ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި އިސްލާމީ ނަޒަރަކުން މުޖުތަމަޢަށް ޚިދުމަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، މާލީ ހޭލުންތެރިކަމުގެ ތެރެއިން ފަރަގުތައް ކުޑަކޮށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޖަމްޢިއްޔާ ހިންގުމާއި ހަރުދަނާ މާލީ ނިޒާމެއްގެ ތެރެއިން ޕްރޮޕޯސަލް ތައްޔާރުކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

މަހާސިންތާގެ ފަހު ދުވަހު، ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ބޭއްވި އެންމެ ފުރަތަމަ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާގައި އެކުލަވާލާފައިވާ 20 ޖަމްޢިއްޔާގެ މައްޗަށް އެކުލެވޭ 'ފަލަސް' އިއްތިހާދުގެ މަޝްވަރާތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ މެންދުރުފަހުއެވެ. މި ރަސްމިއްޔާތުގައި މަހާސިންތާގެ ބައިވެރިންނަށް ސަޓިފިކެޓް ހަވާލުކޮށްދެއްވީ ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ވަނީ މަހާސިންތާގެ ބައިވެރިންނަށާއި، އިންތިޒާމުކުރި ފަރާތްތަކަށް އަދި ސެޝަންތައް ނަންގަވައިދެއްވި ފެސިލިޓޭޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާރުލްއާސާރުގެ ހޯލު ހަމަޖައްސަވައިދެއްވި ކަމަށްޓަކައި، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މި އަހަރުގެ މަހާސިންތާގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލް ޗޮއިސްއެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.