ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” އިފްތިތާޙްކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެޖަމްޢިއްޔާއިން ވިދާޅުވެއްޖެއެވެ.

ދާރުލްއާސާރުގައި މިރޭ 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މި ޙަފްލާގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝަރަފުވެރިމެހެމާން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޙަފްލާ “ދާރިސް ޓީވީ” އިން ވަޤުތުން ދައްކާނެއެވެ.

“ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް” މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ޖުމްލަ 40 ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކުޅިވަރު ޖަމްޢިއްޔާތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޖަމްޢިއްޔާތަކުގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި ޙަރަކާތްތައް ހިންގާ ޖަމްޢިއްޔާތައްވެސް ހިމެނެއެވެ.

ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަހާސިންތާ 20 ޖަމްޢިއްޔާއާއެކު ބާއްވާފައިވަނީ 3 ފެބްރުއަރީ 2024 ގައި އއ. މަތިވެރީގައެވެ.

މި މަހާސިންތާގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. އަދި މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލް ޗޮއިސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.