ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ބާއްވާ "ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026" އިފްތިތާޙުކޮށްފިއެވެ. މަހާސިންތާ ރަސްމީކޮށް އިފްތިތާޙުކުރެވުނީ މިކަމަށްޓަކައި ރޭ ދާރުލްއާސާރުގައި ބޭއްވި ޚާއްޞަ ޙަފްލާގައެވެ.

 ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ޖަލްސާގެ ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ޖަމްޢިއްޔާތައް ބައިވެރިވެފައިވާ މި މަހާސިންތާގައި، ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ 40 ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.

 ރޭ ބޭއްވި އިފްތިތާޙީ ޖަލްސާގައި، ޖަމްޢިއްޔަތުއްސަލަފް ތަޢާރަފްކުރުމުގެ ގޮތުންނާއި، އެ ޖަމްޢިއްޔާގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ވީޑިއޯ ރިޕޯޓެއް ހުށަހަޅައިދީފައިވެއެވެ. މީގެ އިތުރުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އަދި ޝަރަފުވެރި މެހެމާން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

 ޖަމްޢިއްޔަތުއްސަލަފްގެ ރައީސްގެ ވާހަކަފުޅުގައި މި މަހާސިންތާ އިފްތިތާޙުކޮށްދެއްވުމަށް ދެއްވި ދަޢުވަތު ޤަބޫލުކުރެއްވީތީ، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއަށް ޝުކުރު އަދާކުރެއްވިއެވެ.

 ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަހާސިންތާ 20 ޖަމްޢިއްޔާއާއެކު ބާއްވާފައިވަނީ 3 ފެބްރުއަރީ 2024 ގައި އއ. މަތިވެރީގައެވެ.

 މި އަހަރުގެ މަހާސިންތާގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކެވެ. އަދި މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލް ޗޮއިސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.

 މި ޙަފްލާ ނިންމާލާފައިވަނީ ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.