ޖަމިއްޔަތުއް ސަލަފް އިން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް އިސްލާމިކް އެންޖީއޯ ކޮންފަރެންސް 2026 ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ދާރިސް ޓީވީ ވަނީ ހަމަޖައްސާފައެވެ.
މުޅި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި މުޖުތަމަޢުގެ އެކިއެކި ގްރޫޕްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މި އިވެންޓް ކުރިއަށް ގެންދަނީ "#އޯގާތެރި_މުޖުތަމަޢަކަށް_އެކުގައި" މި ޝިޢާރުގެ ދަށުންނެވެ.
މި ކޮންފަރެންސްގެ އޮފިޝަލް ޓައިޓަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޑިވިޝަން ކަމަށްވާ ބީއެމްއެލް އިސްލާމިކް އެވެ. އަދި މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އެވެ.
އޮފިޝަލް މީޑިއާ ޕާޓްނަރުގެ ހައިސިއްޔަތުން، އިވެންޓް ފެށުމުގެ ކުރިންނާއި އިވެންޓްގެ ތެރެއިން ދާރިސް ޓީވީގެ ޕްލެޓްފޯމްތަކުގައި ބްރޯޑްކާސްޓް ކަވަރޭޖާއި ޕްރޮމޯޝަނަލް ކެމްޕޭންތައް ކުރިއަށް ގެންދާނީ އެ ފަރާތުންނެވެ.
މި ކޮންފަރެންސްގައި ތަފާތު އެކި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ، އިޖުތިމާޢީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތަކާއި، މުޖުތަމަޢު ތަރައްޤީކުރުމާއި، އަދި ގުޅިގެން ކުރިއަށްގެންދެވިދާނެ މަދަނީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ. މި ކޮންފަރެންސް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ (13/08/2026)، ދިމްޔާތުގައެވެ. މި އިވެންޓްގެ ރަސްމީ ޝެޑިއުލް އަދި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާ ގުޅޭ އިތުރު މަޢުލޫމާތު އިންތިޒާމުކުރާ ފަރާތުން ކުރު މުއްދަތެއްގެ ތެރޭގައި އިޢުލާންކުރާނެ ކަމަށް ބެލެވެއެވެ.
