ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ނިންމައި، މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާނުކޮށްފިއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްގެންދިޔައީ މިދިޔަ ޖޫން މަހުގެ 4 އިން ފެށިގެން ޖުލައި 15 ގެ ނިޔަލަށް، މާލޭގެ އިތުރުން ރާއްޖޭގެ 22 ސަރަޙައްދެއްގައެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް 3,050 ބައިވެރިން ރަޖިސްޓްރީކުރިއިރު، އޭގެ ތެރެއިން 2,742 ބައިވެރިއަކު ވަނީ ކިޔަވާފައެވެ. އަދި ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ 379 ބައިވެރިންނެވެ.
އޮޑިޝަން ބުރާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ ހުޅުވާލާފައެވެ. އެގޮތުން، މި ހިނގާ އޮގަސްޓް މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރައްވައެވެ. އަދި ސެމީ ފައިނަލަށް ހޮވުނު 379 ބައިވެރިންގެ ލިސްޓު އަންނަ ހަފްތާގައި އާންމުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މަރުކަޒުން ހާމަކުރައްވައެވެ.
މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް، މިއަހަރުގެ 38 ވަނަ ޤައުމީ މުބާރާތަކީ ކޮންމެ ފަރުދަކަށްވެސް އަމިއްލަ ގޮތުން ބައިވެރިވެވޭ ހުޅުވާލާފައިވާ މުބާރާތެކެވެ. އަދި މިއީ މިގޮތަށް ބާއްވާ އެންމެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލުކުރާ ގޮތަށެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ކިޔެވުންތައް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 އިން 19ގެ ނިޔަލަށް މާލޭގައެވެ.
